މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ(ބީބީއެންޖޭ) ގައި ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.
މި މުއާހަދާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު މުހައްމަދު އެވެ.
މި ޓްރީޓީގައި ރާއްޖެއިން މިއަދު ސޮއިކުރިކަން އިއުލާނުކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، މިއީ، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ރާއްޖެއަށް ހާސިލު ވެގެންދިޔަ މުހިންމު ތާރީޚީ ލަނޑުދަނޑިއެއް ކަމަށެވެ. އަދި، މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވެއެވެ.
2015 ވަނަ އަހަރުގައި އދ. ގެ ޢާންމު މަޖްލީހުން ޤާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ޤާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ. އަދި އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ޤާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫޢު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި އިސްވެ ބަޔާންކުރެވުނު ޤާނޫނީ މަސްދަރު މުޢާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ.
އަދި 11 ފެބްރުވަރީ 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖްލީހުގައި އިސްވެ ބަޔަންކުރެވުނު މުޢާހަދާ ދިވެހިރާއްޖެއިން ސޮއިކޮށް، ތަޞްދީޤުކުރުން މުހިންމު ކަމަށް ނިންމެވުމަށް ފަހު، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 29 ފެބްރުވަރީ 2024 ގައި ސަރުކާރުން ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ. އަދި 13 މެއި 2024 ގައި ބަޔާންކުރެވުނު މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްޢޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެގޮތުން، ސޮއިކޮށްފައިވާ މުޢާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ އިޖުރާއަތު ޤާއިމުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް އެ މުޢާހަދާގައި ހިމެނިފައިވާ ކަމާއި މޫއުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައިވެއެވެ. އަދި މި އެންމެހާ ކަންތައްތަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުޢާހަދާގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަން ފަހަގަކުރަމެވެ.
ދިވެހިރާއްޖެ މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން ސޮއިކޮށްފައިވާ ކަމާއި އަދި ޖުމްލަ 8 ޤައުމަކުން ތަޞްދީޤުކޮށްފައިވާ ކަން ފާހަގަކުރަމެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރިތާ 120 ދުވަސް ފަހުންނެވެ.



