ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތަޢުޒިޔާގެ މި މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުޢާ ދަންނަވަމުންނެވެ.
އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވީ އަންގާރަ ދުވަހުއެވެ. ފަސްދާނު ލެވުނީ ބުދަ ދުވަހު މެންދުރު ނަމާދަށްފަހުގަ އެވެ.


