ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ރާއްޖޭގައި ބާއްވާގޮތަށް ނިންމައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ، މި ބައްދަލުވުން އޮންނާނީ މިމަހުގެ 22އިން 23 އަށް ކްރޮސްރޯޑްގައި ކަމަށެވެ. އަދި، މި ބައްދަލުވުމުގައި ދުނިޔޭގެ 21 ގައުމަކުން މަންދޫބުން ބައިވެރިވާނެކަމަށް އެކޮމިޓީން ބުނެފައި ވެއެވެ. އޮލިމްޕިކްސް ކޮމިޓިން މިހާރު ދަނީ އެބައްދަލުވުމަށް ތައްޔާރުވަމުންނެވެ.
މިއީ، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ސަރަހައްދީ ބައްދަލުވުމެއް އޭޝިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ.
1986 ވަނަ އަހަރުން ފެށިގެން ރާއްޖެއިން 8 ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައި ވެއެވެ. 2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތާއި ވަކިވުމާއި ގުޅިގެން 2018 ގެ ގޭމްސް ގެއްލުނުނަމަވެސް، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލުން ގުޅި 2022 ވަނަ އަހަރުގެ ގޭމްސްގައި ވާދަކުރި އެވެ.



