ދޫނިދޫ ޖަލުގައި ހުއްޓާ އަމިއްލަ އަށް މަރުވާން މަސައްކަތްކުރި އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް މާދަމާ ހެދުމަށް ހަމަޖެހިފައިވާކަމަށް މިއަދު ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އާދަމް އަތުހަރު (32އ) މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި، މާދަމާ ޕޯސްޓްމޯޓަމް ޕްރޮސީޖަރ ކުރިޔަށްގެންދަން ހަމަޖެހިފައިވާކަަށެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު ކުރި މަސައްކަތުގެ ތެރެއިން، މާލޭ މަގުމަތިން ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާ ސައިކަލުގެ ފަހަތުގައި ހުއްޓާ މުގުރުން ޖަހާ ބިންމައްޗަށް ވައްޓާލައިގެންނެވެ. މިހާދިސާގައި އޭނާއަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭއާއި އައިޖީއެމްޗުންވެސް ފަރުވާ ދިނުމަށްފަހު ދޫނިދޫ ގޮޅީގައި ބަންދުކުރިއެވެ.
އޭނާ ހުރި ގޮޅީގައި އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރުމުން މިމަހުގެ 1 ވަނަ ދުވަހުގެރޭ އައިޖީއެމްއެޗްއަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހަވީރު އެވެ.
އަތުހަރުގެ އާއިލާން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވި ނަމަވެސް، ފުލުހުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ މަތިން ، ގޮތް ނޭނގޭ ނުވަތަ އޮޅުން އަރާ މަރުތަކުގައި، އާއިލާއާ ހަށިގަނޑު ހަވާލުކުރަނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައެވެ. އެއީ، މަރުގެ އަސްލު ސަބަބު ހޯދައި، އެކަމުގައި އެއްވެސް ބަޔަކަށް އިނގިލި ދިއްކުރާނެ ޖާގަ ނުދެވޭ މިންވަަރަށް އެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.



