ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލާ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރު ކުރި ދެ އަންހެނުން ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޯގަސްޓްމަހުގެ 28 ވަނަ ދުވަހު އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވެއެވެ.
ފުލުހުން މިއަދު ބުނީ، އެންމެ ފަހުން ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމުން،މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދެމީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީސްތަކުގެ އިމާރާތާއި، އިނގިރޭސިވިލާތް އަދި ޖަރުމަން އެމްބަސީގެ އިތުރުން، އިނގިރޭސިވިލާތު ސަފީރާއި،ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ ފަލަޞްޠީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޑރ. ޝަޒުރާ އިބްރާހިމް އާއި އާއިޝަތު ޝާދިޔާ އަޑު އުފުލާފައި ވެއެވެ.ފުލުހުން އެ ދެމީހުން ހައްޔަރުކުރީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުވެފައިވާކަމަށްބުނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޯގަސްޓް 28 ވަނަ ދުވަހު އެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އަމަލުތައް ހުއްޓައި، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެއަށް ތަބާނުވުމުންް، އޭގެ ފަހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމަށްފަހުގަ އެވެ.



