”ތިލައުތުރު ވޮލީ މުބާރާތް – 2024“ އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެ މުބާރާތަކީ، ހއ އަތޮޅުގެ ރަށްރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން، މުރައިދޫ ކައުންސިލާ ގުޅިގެން މުރައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ބުނީ، އެ މުބާރާތުގައި އެ އަތޮޅު ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއް ތަމްޘީލުކުރާ އެއް ޓީމަށް ކަމަށެވެ. އަދި މި މުބާރާތް ނޮވެންބަރު 15ގައި ފެށުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، އެ ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv އަށް 2024 ސެޕްޓެންބަރު 17 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި، ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ހުށަހެޅުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.



