ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރު ދިވެހި ޒުވާނަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެން 2:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތޫ ދީފައި ވެއެވެ.
އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 26 ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ސައުވީސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި ހިމެނޭ ކާރަކީ ސްޕޯޓްސް ކާރެކެވެ. އަދި ކާރު ދުއްވަން އިން މީހާގެ ލައިސެންސް އެއް ނެތް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.




