ހުޅުމާލޭގައި ރޭސް ޖެހުމަށާއި ޑްރިފްޓު ކުރުމަށް އެޗްޑީސީއަށް ދީފައިވާ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާތިލް ކުރައްވައިފިއެވެ.
ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސް ޖެހުމަށާއި ޑްރިފްޓު ކުރުމަށް އެޗްޑީސީ އަށް ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ހުއްދަ ބާތިލް ކުރުމަށާއި، ރާއްޖޭގެ މަގުތަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
ރައީސް ޑރ. މުއިއްޒު ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، ޢާއްމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރި ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އިއްޔެ އަންގާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ފިޔަވަޅު ތަކަކީ:
- މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
- ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
- ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
- ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
- އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
- ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
- ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
- މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
މަގުތައް ރައްކާތެރި ކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އެޅުމަށް ރައީސް ނިންމާފައި މި ވަނީ ހުކުރު ވިލޭރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ. ރައީސް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ.
ކިޔާލުމަށް: ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ!
“ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން. “ އިއްޔެ ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.




