މިއަދު ހެނދުނު ހުޅުމާލޭ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 6:50 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާ އަށް ސީރިއަށް އަނިޔާތަކެއް ވެގެން މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މަންޒަރު ދުށް މީހަކު ސައުވީސް އާއި ވާހަކަ ދައްކަމުން ބުނީ ކާރުގައި ޖެހި ސައިކަލު ވިއްސައިގެން ގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން، ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ވެސް ހުރި ކަމަށް އޭނާ ބުންޔެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.




