މިއަދު ހެނދުނު ހުޅުމާލޭ ފޭސް-2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗަށް ގެންގޮސް އިތުރު ފަރުވާދޭން ފަށައިފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. އެ އެކްސިޑެންޓުގައި، އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް، ހުޅުމާލޭ ހޮސްޕިޓަލުން އެމެޖެންސީ ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)އަށް ޓްރާންސްފާރ ކޮށްފަ އެވެ. މިވަގުތު އައި.ޖީ.އެމް.އެޗްގެ އެމެޖެންސީ ޔުނިޓްގައި އޭނާއަށް ފަރުވާ ދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހުޅުމާލެ ފޭސް-1 ގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓްތައް ގިނަވެ، މިކަމުގައި ގެއްލުންތަކެއް ވަމުންދާތީ، އެފަދަ ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ކަމާއި ގުޅުން ހުރި ގާނޫނު ތަކާއި ގަވައިދުތައް އިސްލާހުކުރުމަށާއި، މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި، އެކަންކަން ތަންފީޒުކުރުމަށް ފުލުހުންނަށާއި، ކަމާއި ގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތަކަށް އަންގަވާފައެވެ.




