އުރީދޫ މަސްރޭސް 2024 ގެ، ޅ. ނައިފަރުގެ ޗެމްޕިއަންކަން ”ހުސްބުޅި“ ޓީމް ކާމިޔާބުކޮށްފި އެވެ.
އުރީދޫ މަސްރޭސް އަކީ، އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތެކެވެ. އެކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް އިތުރަށް ކުލަގަދަ ކޮށްޅ. ނައިފަރުގެ އިތުރުން، ކ. ހިންމަފުށްޓާއި، ތިނަދޫގައި ވެސް ވަނީ ބާއްވާފަ އެވެ.
އިއްޔެ ބޭއްވި ނައިފަރު އެޑިޝަންގައި 18 ޓީމަކުން ވާދަކޮށްފައި ވާއިރު، 921.4 ޕޮއިންޓާއެކު ޗެމްޕިއަންކަން ހޯދީ، ހުސްބުޅިންނެވެ. ޗިލް ބްރޯޒް އިން 698.45 ޕޮއިންޓާއިއެކު ދެވަނަ ހޯދާފައިވާއިރު، ތިން ވަނަ ހޯދީ ކޮރަކަލި ޓީމުންނެވެ. އެޓީމަށް ލިބުނީ 438.3 ޕޮއިންޓެވެ.
ވަނަ ވަނައަށް އައި ޓީމްތަކަށް ފައިސާގެ އިނާމު ތައްވެސް ވަނީ ހަވާލުކޮށްފަ އެވެ. 1 ވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް ދިނީ 5000 ރުފިޔާގެ އިނާމެކެވެ.
ޓީމްތަކުގެ އިތުރުން ވަކިވަކި ބައިވެރިންނަށްވެސް އިނާމު ދީފައި ވެއެވެ. އެގޮތުން، އެންމެ މޮޅު ފިރިހެން ކެޔޮޅުކަން ހޯދި އަލީ އަބްދުﷲ އަށް 1،000 ރުފިޔާގެ އިނާމެއް ދީފައި ވެއެވެ. އެއީ ޗިލް ބްރޯޒް ޓީމްގެ ބައިވެރި އެކެވެ. އޭނާ ބޭނީ 24 މަހެވެ. 15 މަސް ބާނައިގެން އެންމެ މޮޅު އަންހެން ކެޔޮޅު ކަން ހޯދި ކޮރަކަލި ޓީމްގެ ޖަވާދާ އަހްމަދަށްވެސް އިނާމުގެ ގޮތުގައި 1،000 ރުފިޔާ ދީފައި ވެއެވެ.
މަސް ރޭހުގައި އެންމެ ބަރު މަސް ބޭނީ ޓީމް އަލިފަސްގެ މުހައްމަދު ނަޝީދު އެވެ. އޭނާ ބޭނީ 9.4 ކިލޯގެ މުޑަ ހަންޖެކެވެ.
އުރީދޫ މޯލްޑިވްސް ޓީމާއި، މަސްރޭހުގެ ޕާޓްނަރުންވަނީ ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.



