”މިސްޓަރ މޯލްޑިވްސް“ ގެ ޓައިޓަލް ހޯދާފައިވާ މުހައްމަދު ޔާމީން (ޔާމްބެ) ގެ ދެ ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން ޖެހިފައިވާތީ އޭނާއަށް އެހީތެރިވުމުގެ ގޮތުން ރޭ ޓިކްޓޮކް ލައިވެއްގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
ރެޕް ލަވަކިޔުންތެރިޔާ ޒިޕޯ ނުވަތަ ޓިކްޓޮކް ނަމުން ނަމަ ”ސްޓޭންގްމަސް“ އިސް ނަގައިގެން، ޓިކްޓޮކްގެ ގިނަ މަޝްހޫރު ހޯސްޓުން ބައިވެރިވި މި ލައިވް އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޓިކްޓޮކް ލައިވް އެވެ.
ރޭ 8:30 ފެށި މި ލައިވް އިވެންޓް 11:00 ޖަހާއިރު ނިންމާލި އިރު، ޖުމްލަ 210،358 ރުފިޔާ އަދި 1382 ޑޮލަރު ވަނީ އެހީ ގެ ގޮތުގައި ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ ޓިކްޓޮކް ފަންޑްރެއިޒިން އަކުން މިހާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފުރަތަމަ ފަހަރެވެ.
ޔާމްބެވެސް ބައިވެރިވެގެން ކުރިޔަށް ދިޔަ މި ޓިކްޓޮކް ލައިވްގައި ބައިވެރި ގިނަ އަދަދެއްގެ މީހުން ވަނީ ޔާމްބެއަށް ހިތްވަރުދީފައެވެ. އަދި ޔާމްބެ ރާއްޖެއަށް ހޯދައިދީފައިވާ ކާމިޔާބި ތަކަށް ތައުރީފުކޮށް، ގިނަ ބަޔަކު ވަނީ ޔާމްބެ އަކީ ޤައުމު ފަހުރުވެރިވާ ފަދަ މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޓިކްޓޮކް ލައިވްގައި ލިބުނު އެހީއަށް ޔާމްބެ ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ޔާމްބެ އެންމެ ފުރަތަމަ މިސްޓަރ މޯލްޑިވްސް މުބާރާތް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން 2021 ވަނަ އަހާރައި 2022 ވަނަ އަހަރުވެސް މިސްޓަރ މޯލްޑިވްސް ގެ ލަގަބު ކާމިޔާބު ކުރީ ޔާމްބެއެވެ. އޭގެ އިތުރުން ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކުގައިވެސް ޔާމްބެ ވަނީ ދިވެހިރާއްޖެ ތަމްސީލް ކޮށްދީފައެވެ.
ޔާމްބެ ގެ ދެ ކިޑްނީ ފެއިލް ވެފައިވާ ކަން އޭނާއަށް އިނގުނީ މި ސެޕްޓެމްބަރު މަހު އެވެ. އޭނާ ބުނި ގޮތުގައި އެކަން ފާހަގަވީ ބަލީގެ އަލާމާތްތައް ފެނުމުގެ ސަބަބުން ހެދި ލޭގެ ޓެސްޓަކުން ނެވެ.
ކިޑްނީ ގެ ފަރުވާއަށް ޔާމްބެ އިންޑިއާއަށް ފުރާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް މައުލޫމާތު ލިބެއެވެ. ވީހާވެސް އަވަހަކަށް ކިޑްނީ ޑޮނާރ އެއް ހޯދުމަށް ޑޮކްޓަރުން ވަނީ އޭނާއަށް ލަފާ ދީފައެވެ.
ސިއްހީ ފަރުވާ ބޭނުންވެ އެކަމަށް މާލީ ކެރިފޯރުންތެރިކަން ނެތް ދިވެހިންނަށް ފައިސާ ގެ އެހީތެރިކަން ފޯރު ކޮށްދިނުމަށް މިހާރަކަށް އައިސް ޓިކްޓޮކް ގައި ލައިވް އިވެންޓްތަށް ބާއްވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެންމެ ފާހަގަ ކޮއްލެވޭ އެއް ޓިކްޓޮކް ހޯސްޓަކީ މަރިޔަމް ސަމާ އެވެ.

ސަމާގެ “ހިތުން ހިތަށް” ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓިކްޓޮކްގައި ސަމާ ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ދިވެހިންނަށް އޭނާ ވަނީ ލައިވް އިވެންޓް މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ހޯދައިދީފައެވެ.



