މާލެ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ސީރިއަސް އަނިޔާތަކެއްގައި ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ޒުވާނާ ނިޔާވެއްޖެއެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ރޭ މާލެ ސިޓީގައި ހިނގި އެކްސިޑެންޓްގައިވި އަނިޔާވެ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔައީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އެވެ. އޭނާ ނިޔާވީ އެކްސިޑެންޓްގައި ސިކުނޑިއަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދަމުން ދަނިކޮށް ހާލު ސީރިއަސްވެގެންނެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ 00:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.ނިޔާވީ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވަން އިން ޒުވާނާއެވެ.
ފާއިތުވި 4 ދުވަހު، ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ހިނގާފަ އެވެ. އޭގެތެރެއިން ހުކުރު ދުވަހުގެ ފަތިހު، ލައިސަންސް ނެތް ޒުވާނެއް ދުއްވި ކާރަކުން ޖެހި، ޒުވާން ދިވެހި ފިރިހެނަކު ވަނީ ނިޔާ ވެސް ވެފައެވެ.




