އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
ނައިބު ރައީސް މާއުނގޫދޫއަށް ވަޑައިގެންނެވީ އިއްޔެއެވެ. އަދި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުވެސް ދެއްކެވި އެވެ. އަދި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ ސަޤާފީ ހަވީރުވެސް ޝަރަފްވެރިކޮށްދެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫއަށް ވަޑައިގެންނެވި މެހުމާނުންގެ ޝަރަފުގައި ރޭ ބޭއްވި ޖާފަތުގައިވެސް ބައިވެރިވެވަޑައިގަންނަވާފަ އެވެ.



