ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ގޮޅީގައި ހުއްޓައި ދޫނިދޫ ޖަލުގައި ހުއްޓާ އަމިއްލަ އަށް މަރުވާން މަސައްކަތްކުރި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ފަހު މިއަދު މާލެ ގެންނަން ހަމަޖެހިއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިިކޮށް މިމަހުގެ 2 ވަނަ ދުވަހު މަރުވި،އާދަމް އަތުހަރު (32އ) މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
އަތުހަރުގެ އާއިލާއާ ހަވަލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕޯސްޓް މޯޓަމް ހަދައި ނިންމާ މިއަދު އަތުހަރުގެ ހަށިގަނޑު މާލެ ގެންނާނެއެވެ. އަދި މިރޭ 10:00 ޖަހާއިރު ހުޅުމާލެ ސަހަރާ މިސްކިތުގައި ވަޅުލަން ހަމަޖެހިފައިވާކަމަށް އާއިލާއިން ބުނެފައި ވެއެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ޕްރޮސީޖަރ އާއި ގުޅެގޮތުން އަދި ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު ކުރި މަސައްކަތުގެ ތެރެއިން، މާލޭ މަގުމަތިން ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާ ސައިކަލުގެ ފަހަތުގައި ހުއްޓާ މުގުރުން ޖަހާ ބިންމައްޗަށް ވައްޓާލައިގެންނެވެ. މިހާދިސާގައި އޭނާއަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭއާއި އައިޖީއެމްޗުންވެސް ފަރުވާ ދިނުމަށްފަހު ދޫނިދޫ ގޮޅީގައި ބަންދުކުރިއެވެ.
މަރުވެފައިވަނީ އޭނާ ހުރި ގޮޅީގައި އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރުމުން މިމަހުގެ 1 ވަނަ ދުވަހުގެރޭ އައިޖީއެމްއެޗްއަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހަވީރު އެވެ.



