ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް(އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފި އެވެ.
އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްއާ ހަވާލުކުރައްވާފަ އެވެ.
އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.
އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފަ އެވެ. މީގެއިތުރުން އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފަ އެވެ.



