މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫ މީހަކު މަހިބަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ލެވީނިއާ، މުޙައްމަދު ޒުނާމް ނަޖުމީ (24އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، މަހިބަދޫ ވޮލީ ކޯޓާ ދިމާ އުތުރު ބަނދަރުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 12 ދަޅު ފެނިފައި ވެއެވެ. މި ތަކެތީގެ ވަގުތި ބަރުދަނަކީ 378.75 ގްރާމްކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.



