އައިފޯން 15 ނެރެނުތާ އަހަރެއްހާ ދުވަސް ފަހުން މިރޭ އޮންނަ އެޕަލް އިވެންޓުގައި އައިފޯން 16 ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ ގަޑިން 23:30 ގައި އޮންނަ އެޕަލް އިވެންޓުގައި އައިފޯން 16 ގެ ހުރިހާ މޮޑެލްތަކެއް ދައްކާލުމަށް ހަމަޖެހިފައިވާ އިރު، ގިނަ ބައެއް އިންތިޒާރު ކުރަމުންދާނީ އައިފޯން 16 ގެ ޕްރޯ މޮޑަލް ތަކަށެވެ.
މީގެ ކުރިން ލީކުވެފައިވާ ބައެއް ފޮޓޯ ތަކުންނާއި ފެތުރިފައިވާ އަޑުތަކުން އެނގޭ ގޮތުން އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ގެ ފީޗަރ ތަކަށް ބޮޑެތި އަޕްގްރޭޑް ތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އައިފޯން 16 ޕްރޯ ގައި 6.3 އިންޗީގެ ޑިސްޕްލޭ އެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. އަދި އައިފޯން 16 ޕްރޯ މެކްސް ގެ ޑިސްޕްލޭ ގެ ސައިޒަކީ 6.9 އިންޗި ކަމަށް ބެލެވެއެވެ. އަދި މިރޭ ނެރޭ އައިފޯން 16 ގެ މޮޑެލް ތައް އައިފޯން 15 ގެ މޮޑެލް ތަކަށް ވުރެ ތުނި ވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އައިފޯން 16 ނެރޭ އިރު އެންމެ ބޮޑު އަޕްގްރޭޑެއް އަންނާނީ ކެމެރާއަށް ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން އައިފޯން 16 ޕްރޯ ގައި ތިން ކެމެރާ ހިމެނޭނެ ކަމަށް ލީކުވެފައިވާ ބައެއް ފޮޓޯ ތަކުން ފެނެއެވެ. އޭގެ ތެރޭގައި ޓެލެފޮޓޯ ލެންސެއްވެސް ހިމެނެއެވެ. އޭގެ އިތުރުން އައިފޯން 16 ގެ ޕްރޯ މޮޑަލް ތަކުގެ އަލްޓްރާ ވައިޑް ކެމެރާ 16 މެގަޕިކްސެލް އިން 48 މެގަޕިކްސެލް އަށް އަޕްގްރޭޑް ވާނެ ކަމަށްވެސް ބެލެވެއެވެ.
މީގެ އިތުރުންވެސް އައިފޯން 16 ގައި ގިނަ އައު ފީޗަރ ތަކެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ އެޕަލް ގެ ރަސްމީ ބަހެއް ނޫނެވެ. މުޅިންވެސް ލީކުވެފައިވާ ފޮޓޯ ތަކުންނައި ޑޮކިއުމެންޓުތަކުން އެނގެން ހުރި މައުލޫމާތެވެ. އައިފޯން 16 ގެ އަސްލު ފީޗަރ ތައް ރަސްމީކޮށް އެނގޭނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މިރޭ އޮންނަ އެޕަލް އިވެންޓުގައެވެ.
އައިފޯން 16 ގެ އިތުރުން އެޕަލް އެއާޕޯޑްސް މެކްސް 2 ވެސް މިރޭ ލޯންޗު ކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އެޕަލް ވޮޗް ގެ އައު ސީރީޒް އެއްވެސް ނެރޭނެ ކަމަށް ބައެއް ޓެކްނޮލޮޖީ ދާއިރާގެ ނޫސްވެރިން ރިޕޯޓު ކޮށްފައިވެއެވެ.




