ރާއްޖޭގެ އެތުލެޓިކްސްގެ އަމާޒު މިހާރު ހިފަންވީ އޭޝިއަން ގޭމްސްގެ މެޑަލްއަކަށްކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ،ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ޖޫނިއާ އެތުލެޓިކްސް ޓީމާ، ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ޒުވާން އެތުލީޓުންނަށް ހިތްވަރު ދެއްވައި، ހުރިހާ އެތުލީޓުންވެސް ކުޅިވަރުގެ ރިވެތި އަޙުލާޤާއިއެކު ކުރިއަށްދިޔުމަށް އެދިލައްވާފަ އެވެ.
މިނިސްޓަރުު ރާފިޢު ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއިން އެތުލެޓިކްސް އިން މެޑަލް ހޯދާފައިވާތީ މިހާރު އަމާޒު ހިފަންވީ އޭޝިއަން ގޭމްސްއަށް ކަަމަށެވެ. އަދި، މިދިޔަ 20އަކަށް އަހަރަށް ބަލާއިރު އެތުލެޓިކްސް އިން ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށާއި، ނަތީޖާތަކާއި ހޯދާފައިވާ މެޑަލްތަކުން އެކަން ފެންނަން އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ޒުވާން އެތުލީޓުންނަށް ބަލާއިރު އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނެ ފެންވަރުގެ އެތުލީތުން އެބަތިބިކަމަށާއި، އެކަން ހާސިލްކުރުމަށް ހިތްވަރާއިއެކު މަސަކްތަކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ މި މަހުގެ 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގަ އެވެ. މި މުބާރާތުގައި ސާކްގެ ހަތަރު ގައުމަކުން 276 އެތުލީޓުން ވާދަކުރާނެ އެވެ.
ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ އެތުލެޓިކްސްގެ ތާރީޚުގެ ފުރަތަމަ މެޑަލް ހޯދި މުބާރާތެވެ. މިގޮތުން 2007ވަނަ އަހަރު ސްރީލަންކާގައި އޮތް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ދިވެހިރާއްޖޭގެ އަންހެން އަދި ފިރިހެން ރިލޭ ޓީމުން ހަތަރު ލޯ މެޑަލް ހޯދި އެވެ.



