މާލެ ސިޓީ ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން އިއްޔެ ފެށި މި ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދޭނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.
އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާނެ ގޮތާއި، ގަވާއިދާ ހިލާފަށް އުޅނަދު ދުއްވާ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި،އުޅަނދު ދުއްވުމުގައި ފުލުހުން ވެސް ސަމާލުކަންދޭންޖޭ ކަންކަމާއި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމުގެ މައުލޫމާތު މި ޕްރޮގްރާމުގެ ތެރެއިން ހިއްސާކުރާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.



