ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވެއްޖެ އެވެ.
ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގައެވެ.
ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
“ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން.“ ރައީސްގެ މެސެޖުގައި ވެއެވެ.
މަހްކަމަތުލް އަޝްޣާލްގެ ވަގުތީ ކާތިބެއްގެ ވަޒީފާއިން 25 ޖުލައި 1959 އިން ދައުލަތަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވި މަރްހޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ، ރިޓާޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގަ އެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ،މަރްހޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ،އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، ޚާއްސަ މަޖިލީހުގެ މެންބަރުކަމާއި، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.



