ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން،ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުު ވިދާޅުވެއްޖެ އެވެ.
ހީނާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސްގެ ފަރާތްޕުޅުން މެމްބަރުންނަށް ފައިސާ ދޭކަމަށްބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށެވެ.
ހީނާ ވިދާޅުވީ، އެއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ފަތުރާފައިވާ ޚަބަރެއްކަމަށާއި، އެ މައްސަލައާއި ގުޅިގެން އެ ނޫހަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން.“ ހީނާ ވިދާޅުވެފައި ވެއެވެ.
ހީނާ ވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
އަދަދު ނޫހުން އާންމުކޮށްފައިވާ ޚަބަރުތަކުގައި ބުނެފައިވަނީ މުލިޔާގެއަށް ޕީއެންސީ މެންބަރުން ގެންގޮސް، ރައީސްގެ ފަރާތްޕުޅުން، ފައިސާ ދެމުން އަންނަކަމަށާއި، ކުރިން 50،000 ރުފިޔާ މަހަކު ދެމުން އައިސްމިހާރު އެ އަދަދު 75،000 ރުފިޔާއަށް ބަދަލުކޮށްފައިވާކަމަށެވެ.



