ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އޮތްތޯ ބެލުމުގެ މަސައްކަތް މަޖިލީހުން ފަށައިިފި އެވެ.
ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީކަމުގެ މަގާމުގައި ހުންނެވި އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ރޭ ބޭއްވި ފުރަތަމަ ޚާއްސަަ ޖަލްސާގަ އެވެ. އަދި، ރައީސް މުއިއްޒު ހުށަހެޅުއްވި އައްބާސްގެ ނަންފުޅު ޖުޑީޝަރީ ކޮމިޓީއަށް ދިރާސާ ކުރުމަށް ރޭގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ. ރައީސް ގެ ސިޓީފުޅާއެކު، ރައީސް އޮފީހުން ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް ހިއްސާ ކުރައްވާފައި ވެއެވެ.
އައްބާސްގެ ނަންފުޅު ރޭ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމާއެކު، އެކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އަދި ނަން ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ގޮތާގުޅޭގޮތުން މަޝްވަރާކޮށް،އައްބާސްގެ ނަމަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ފުުރުސަތު ދިނުމަށް ނިންމާފައި ވެއެވެ.
އެކޮމިޓީގެ ނިންމުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އައްބާސްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ހުށަހަޅަން އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމަށް އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމަގާމު ހުސްވުމުންނެވެ.
ޕީޖީގެ ގާނޫނުގައިވާގޮތުންނަމަ މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެއެވެ. ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ރޭ ބޭއްވީވެސް ގާނޫނުގައި މިވާ މުއްދަތުގައި ޕީޖީއަކު އައްޔަންކުރެއްވުމުގެ ގޮތުން، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމުގެ މަސައްކަތް ފެއްޓެވުމަށެވެ. ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމާ ރިޕޯޓް ހުށަހެޅުމާއެކު ޕީޖީއަކު އައްޔަނު ކުރުމަށް ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބާއްވާނެ އެވެ.




