ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާއިރު، ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
”މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމް. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވޭ.“ ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި، ފުލުހުން އަތުލައިގެންފައިވަނީ، ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)، ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި އދ. މަހިބަދޫ / ކުޅިބަލާގެ، ފާޠިމަތު ރީމާ (44އ) އެވެ.
ފުލުހުން ބުނީ، މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




