ތިނަދޫ ސިޓީގެ ފެން ޕްލާންޓް ހޯދުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫއަށް ފެންޕްލާންޓް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އާންމުކުރި ބަޔާނެއްގަ އެވެ.
ފެނަކައިގެ ބަޔާނުގައި ބުނެފައިވަނީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫއަށް ފެން ޕްލާންޓް ހޯދިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކުންފުނީގެ މެނޭޖްމެންޓާމެދު ވަކި ތަސައްވުރެއް އުފެއްދުމަށްޓަކައި ފަތުރަމުންދާ ހަގީގަތާއި ޚިލާފު ޚަބަރެއްކަމަށެވެ.
އާ މެނޭޖްމެންޓުން ކުންފުންޏާއި ހަވާލުވީއިރު، އެކުންފުނިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކުގެ ތެރެއިން ކްރިޓިކަލް ހާލަތެއްގައި ހަތް ރަށެއް އޮތްއިރު،އާބާދީގެ ޑިމާންޑާއި އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވަނީ، ތިނަދޫ ސިޓީކަމުން އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތައް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
”މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އައު ފެން ޕްލާންޓެއް ހޯދުމަށް،އެމްޑަބްލިއުއެސްސީއަށާއި، ސްޓެލްކޯއަށް މިކުންފުނީގެ ފަރާތުން ހުށަހަޅާފައި ވާނެ. ނަމަވެސް، އެމްޑަބްލިއުއެސްސީން އެކަމަށް ފަސް ހަފުތާ ހޭދަވާނެކަމަށާއި، އަދި ސްޓޭލްކޯއިން 180 ދުވަސް ހޭދަވާނެކަމަށް މިކުންފުންޏަށް އަންގާފައިވާތީ، މިކުންފުނީގެ ވެންޑަރުންގެ ތެރެއިން މި ޚިދުމަތްދޭ އަމިއްލަ ހުރިހައި ކުންފުނިތަކަށް އާރްއެފްކިއު،ރިކުއެސްޓް ފޮރ ކުއޯޓް ކުރެވުނު.“ ފެނަކައިގެ ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނީ،މިގޮތަށް ދެފަހަރަށް ފުރުސަތު ދިނުމުންވެސް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅީ އެންމެ ފަރާތަކުންކަމުން އެ ފަރާތާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން ހުށަހަޅާފައިވާ އަގާމެދު މަޝްވަރާކޮށް އަގުވެސް ކުޑަކުރެވުނުކަމަށެވެ. އަދި،އެ ފެންޕްލާޓް ހޯދުމުގައި އަމަލުކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލުގެތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަވެގެންކަމަށް ފެނަކައިން ބުނެފައި ވެއެވެ.
”މި ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމަނަންޖެހޭ ހުރިހައި ބައިތަކެއް ފުރިހަމަވެގެންކަމުގައިވެސް ދަންނަވަން. އައު ޕްލާންޓް އިންސްޓޯލް ކުރުވެމުން ތިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ.“ ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ، ސިޔާސީ ފަރާތްތަކުން ރަށު ތެރޭގައި ހަލަބޮލިކަން އުފައްދާ ހިދުމަތްތަކަށް ބުރޫއަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަނުދީ، ހިދުމަތް ދިނުމުގައި އެކުންފުނި ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. އަދި ކުންފުންޏާމެދު ރައްޔިތުންގެ އިތުބާރު ގެއްލި، ނުތަނަވަސްކަން އުފެދޭގޮތަށް ޚަބަރުތައް ނުފެތުރުމަށް ފެނަކައިން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
ފެނަކަ އަކީ، ރައްޔުތުންނަށް ދޭންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވީއިރު، އެކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއެކުވެސް ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށްް މަޑު ޖެހުމެއް ނާންނާނެކަމުގެ ޔަގީންކަންވެސް ފެނަކައިން ދީފައި ވެއެވެ.



