ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުގު ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބޭރުގެ މީޑިއާ އަކުން ރިޕޯޓުކޮށްފިއެވެ.
ބައިނަލްއަޤުވާމީ ވިޔަފާރި ނޫސް ”ބްލޫމްބާރގް“ އިން އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެއިން އިންޑިއާގެ ރިޒާވް ބޭންކާއިއެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން 400 މިލިއަން ޑޮލަރު މިހާރުވެސް ލިބެން އެބައޮތް ކަމަށެވެ. އޭގެ އިތުރުން ރާއްޖެއާއި އިންޑިއާ ސަރުކާރާއި ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަށް ލޯނު ނެގުމުގެ ފުރުސަތުވެސް އޮތް ކަމަށް، އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބްލޫމްބާރގް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ރަސްމީކޮށް އިންޑިއާގައި އެހީއަށް އެދިފައިވާ ކަމެއް އަދި އެނގޭކަން ނެތެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިދިޔަ ހަފްތާގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.



