އަވަށްޓެރި އިންޑިއާއިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ފިޔާ މިއަދު މާލޭ ބާޒާރަށް ނެރެމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(ޢޭމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވެއްޖެ އެވެ.
މާލޭ މާކެޓުގައި ފިޔާ މަދުވުމާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޖީހް ވިދާޅުވީ، މިދުވަސްވަރު މާލޭ މާކެޓުގައި ފިޔާ މަދުވެފައިވަނީ، އިންޑިޔާ އަށް މޫސުމް ގޯސްވެ، ފިޔާ ދަޑުތަކަށް ގެއްލުންލިބުމާއި ގުޅިގެން އިންޑިޔާއިން ފިޔާ އެކްސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ ކުރިމަތިވި ކަމެއް ކަމަށް މައުލޫމާތު ލިބޭކަމަށެވެ.
”މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހި ރާއްޖެ އަކަށް އެކަންޏެއް ނޫން އަވަށްޓެރި ސްރީލަންކާ އަށް ވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވި ކަމަށް ޚަބަރު ލިބޭ.“ ވަޖީހް ވިދާޅުވެފައި ވެއެވެ.
ވަޖީހް ވިދާޅުވީ، މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދާކަމަށެވެ. އެގޮތުން، އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާއާއެކު މިއަދު ޖުމުލަ 6280 ބަސްތާ މާލޭ މާކެޓަށް ނެރެމުންދާކަމަށް ވަޖީހް ވިދާޅުވި އެވެ. އަދި، އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ ކަމަށްވެސް ވަޖީހް ވިދާޅުވެފައި ވެއެވެ.
މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން ވެސް ވަނީ އައްޑޫ ސިޓީގެ މާކެޓަށް 1180 ބަސްތާ ފިޔާ ނެރެފަ އެވެ.
އިންޑިއާ ސަރުކާރުން ފިޔާ އެކްސްޕޯޓް ކުރުމުގައި ވަކި އުސޫލުތަކެއް ދޭތެރެ ދޭތެރެއިން ކަނޑައަޅައެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާއަށް ކުރިމަތިވި މޫސުމީ ވިއްސާރައާއި ގުޅިގެން، ފިޔާ ބޭރުކުރުން މަނާކޮށްފައި އޮތުމަށްފަހު، މިދިޔަ މެއި މަހު އިންޑިއާ ސަރުކާރުން ވަނީ ފިޔާ އެކްސްޕޯޓް ކުރުމަށް ކުރިން އަޅާފައި އޮތް ފިޔަވަޅު އުވާލައި އަލުން ފިޔާ އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފަ އެވެ. އެހެންނަމަވެސް ހުއްދަ ދިނީ އެކްސްޕޯޓް ކުރެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް ފަހުގަ އެވެ. އެއީ، ފިޔާ ޓަނަކަށް 550 އެމެރިކާ ޑޮަލަރުގެ ރޭޓުން އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އިއްޔެ އެގައުމުގެ ސަރުކާރުން ވަނީ މި ޝަރުޠު އުވާލާފަ އެވެ. އެ ޝަރުޠު އުވާލީ، އެގައުމުގެ ފިޔާ ހައްދާ ދަނޑުވެރިންނަށް އާމްދަނީ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ. މި ފިޔަވަޅާއެކު އިންޑިއާގެ ފިޔާ އެކްސްޕޯޓް އިތުރުވެ، ފިޔާގެ އަގު ބޮޑުތަނުން ހެޔޮވެގެންދާނެކަމަށް ބެލެވެއެވެ.
އިންޑިއާ ސަރުކާރުން ބޭރުގެ ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފައި އޮންނަ ދުވަސްވަރުވެސް ރާއްޖެއަށް ފިޔާ ލިބޭނެގޮތް އަބަދުވެސް ވަކި އިންތިޒާމެއްގެ ދަށުން ހަމަޖައްސައިދެއެވެ.



