ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ހަންޒޫ ސިޓީގައި ކުރިއަށްދާ ވޮލީބޯޅަ ކޯޗިން ކޯހުގެ ބައިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޗައިނާ ސަފީރު ވިދާޅުވީ، ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށާއި،ދިވެހި ސަރުކާރާ ގުޅިގެން ގިނަ ކުޅިވަރުތަކަކުން ތަމްރީންތަކާއި، ވަސީލަތްތައް ފަހިކޮށްދެއްވާނެކަމަށެވެ.
ސަފީރު ވިދާޅުވީ، ރާއްޖޭގައި ވޮލީބޯޅަ ފޯރި ވަރަށް ބޮޑަށް އެބައޮތްކަމަށާއި، މި ފެށި ތަމްރީން ޕްރޮގްރާމަކީ ވޮލީބޯޅަ އިތުރަށް ފުޅާކުރަންވެވޭ އެހީތެރިކަމެއްގެ ގޮތުގައި ގަބޫލުކުރައްވާކަމަށެވެ. އަދި، މިފަހަރު 20 ބައިވެރިންނާއިއެކު ޗައިނާގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށްދިޔަ ނަމަވެސް އަންނަ އަހަރު ގިނަ ބަޔަކަށް ތަމްރީންގެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކަކަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޗައިނާގެ ކޯޗުން ރާއްޖެ ގެނެސް، ރާއްޖޭގައި ގިނަ ބަޔަކަށް ތަމްރީން ޕްރޮގްރާމް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވި އެވެ.

ޗައިނާ އަކީ މީގެ ކުރިން ރާއްޖޭގެ އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް އެހީތެރިވެދެއްވާ ގައުމެކެވެ. މިގޮތުން ޓޭބަލް ޓެނިސް، ބާސްކެޓްބޯލް އަދި ފުޓްބޯޅަ ޓީމްތަކަށްވެސް ރަނގަޅު ފުރުސަތުތަކެއް އެ ގައުމުން ވަނީ ފަހިކޮށްދެއްވާފަ އެވެ. މިއަހަރުގެ މިގޮތުން ކުރެވުނު އެންމެ މުހިންމުކަމަކީ ޓީޓީ ކުޅޭ ސާމާނު ދިވެހިރާއްޖޭއަށް ހަދިޔާ ކުރުމެވެ.




