ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ހަމީދު އަބްދުއް ސައްތާރު ކާމިޔާބު ކޮށްފި އެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓްގް އިތުރުން، މައި އިދިކޮޅު ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓި(އެމްޑީޕީ) އިންނެވެ. އެޕާޓިން ވާދަކުރެއްވި، ޝިހާމް މުހައްމަދު ބަލިކޮށް އިންތިޚާބް ކާމިޔާބު ކުރީ ޕީއެންސީ ކެންޑިޑޭޓެވެ.
އިލެކްޝަންސްއިން އާންމުކުރި އެ އިންތިޚާބްގެ ވަގުތީ ނަތީޖާ ދައްކާގޮތުންނަމަ، ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ،285 ވޯޓެވެ. އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ،250 ވޯޓެވެ.
އިންތިޚާބުގައި، 736 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބުނު އިރު ވޯޓް ލާފައިވަނީ، 560 މީހުންނެވެ. ނަތީޖާ ކަށަވަރުކޮށްފައިވަނީ 535 ސައްހަ ވޯޓުންނެވެ.25 ވޯޓް ބާޠިލުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބައި-އިލެކްޝަން ބޭއްވީ އެރަށު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ނިޔާވުމާ ގުޅިގެން އެ ކައުންސިލްގެ ގޮނޑި ހުސްވެފައިވާތީ އެވެ.
އަބްދުލް ހަމީދު އަބްދުއް ސައްތާރު އިންތިޚާބް ކާމިޔާބު ކުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ލީޑަރ ޝިޕުންނާއި، ޕާޓިގެ މެންބަރުން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.



