ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލު ނުފޮނުވާނެކަމުގެ ޔަގީންކަންދޭ ކަމަށް ސްޓޭޓް އިލެކްޓްރީކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
އެކުންފުނިން މިހެން ބުނެފައި މިވަނީ ކަސްޓަމަރުންގެ މެދުގައި ކުންފުނީގެ އަގު ވެއްޓޭގޮތަށް، އަދި އެކުންފުނީގެ ބިލިންގެ ސިސްޓަމާމެދު އިތުބާރު ގެއްލޭނެ ފަދަ މޭރުމަކުން ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާތީ އެވެ.
ސްޓެލްކޯއިން ބުނީ، އެކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަމާއި، އެކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތްކަމަށެވެ. އަދި، އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ ސްޓެލްކޯއިން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.
”ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި އެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް. ”ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްެޓެލްކޯއިން ބުނީ، ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އެކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް ދޭކަމަށެވެ. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއްކަން ބަޔާންކޮށް، އެކުންފުނިން ވަނީ އެކަން ދޮގުކޮށް ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.
”ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވަން.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ފާހަގަކޮށް، ސްޓެލްކޯއިން ވަނީ ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެކަމުގެ ޔަގީންކަންވެސް ދީފަ އެވެ.
”މިކުންފުނިން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ މިކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަން.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެލުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން ވަނީ ދަޢުވަތު އަރުވާފަ އެވެ.



