އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް މިހާރު ކުރިޔަށް ގެންދާ އޮަޕަރޭޝަންގެ ތެރެއިން އިތުރު ފަސް ބިދޭސީއަކު އަތުލައި ގަނެފި އެވެ.
އިމިިގްރޭޝަނުން ބުނީ،އެ އޮޕަރޭޝަންގައި މިމަހުގެ 12 ވަނަ ދުވަހު، މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މި އޮޕަރޭޝަންގެ އިތުރުން، އިމިގްރޭޝަން ހިމެނޭގޮތަށް، ކަމާގުޅޭ އިދާރަތައް އެކުލެވޭ ޚާއްސަ ޓާސްކްފޯސްއަކުންވެސް ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއޮޕަރޭޝަންތަކުގައި މާރުކޭޓާއި، ފިހަރާތަކާއި، ކެފޭތަކާއި، ސެލޫން ފަދަ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ. މި އޮަޕަރޭޝަންތަކުގައި ހުއްދަ ނެތި ވިޔަފާރި ކުރާ ބިދޭސީންނާއި، ވިސާއާއި ވޯކްޕާމިޓް ނެތި މަސައްކަތްކުރަމުންދާ ގިނަ ބިދޭސީންތަކެއްވެސް އަތުލައި ގަނެފައި ވެއެވެ.
މި ދެ އޮޕަރޭޝަންތަކުގައިވެސް ހައްޔަރު ކުރާ މީހުން ރާއްޖޭގައި އުޅެން އިތުރު ފުރުސަތު ނުދީ އިމިގްރޭޝަނުން ދަނީ އެމީހުން ޑީޕޯޓްކުރަމުންނެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، އެފަދަ މީހުންނަށް ތަންތަން ކުއްޔަށްދޭ މީހުންނާއި، އެ މީހުން ލައްވާ ނުގަވައިދުން އެކި އަމަލުތައް ހިންގުވަމުންދާ ދިވެހީންނަށްވެސް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.



