ދިވެހި ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ،ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށްކަމަށެވެ. އަދި، އެ ނިޒާމްވާންވާނީ ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ބައްޓަން ކުރެވޭ ނިޒާމަކަށް ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރެއްގައި ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ، ގައުމުތަކުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހިތްވަރުދީ ބާރު އެޅުމުގެގޮތުންނެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއިންވެސްދަނީ އެނިޒާމު ނެގެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ހިންގަމުން އަންނައިރު، ލާމަރުކަޒީ ނިޒާމު ގާއިމުކޮށް ހަރުދަނާކުރުމަކީ އެ ނިޒާމްގެ ތެރެއިން އެޅުނު މުހިންމު އެއް ފިޔަވަޅެވެ.



