އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ މަހާސިންތާ ފަށައިފި އެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށި މި މަހާސިންތާގައި،ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވި އެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ތިން ސެޝަނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމަހާސިންތާގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކޮށް ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ޖަމްއިއްޔާތަކަށް ލިބިގެންދާނެ ކަމަށެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްޢިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށާއި، ރާއްޖޭގެ ދީނީ ދަޢުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ މަހާސިންތާއަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާ އެކެވެ.
ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާއެކު އިސްލާމިކް މިނިސްޓްރީން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްވާފައިވާއިރު، ޙައްޖާ ޢުމްރާއާއި ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާއި ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމެވެ.



