ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށް ސީދާ ’ޓްރިޕް.ކޮމް‘ އިން ބުކް ކުރެވޭގޮތް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރަމުން އަންނަ އައިލޭންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް) އިން ބުނީ،ޓްރެވަލް އިންޑަސްޓްރީގެ ދުނިޔޭގެ ލީޑަރެއް ކަމަށްވާ ޓްރިޕް. ކޮމްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން،މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން، ސީދާ ޓްރިޕް.ކޮމް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓްތައް ބުކް ކުރެވޭނެ ކަމަށެވެ.
މިއީ، ގައުމީ އެއާލައިނެއްގެ ހައިސިއްޔަތުން،ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ ފަރާތްތަކަށް އެކުންފުނިންދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން އޮންލައިން ޓްރެވަލް ސްޕޭސްގައި މޯލްޑިވިއަންގެ ބައިވެރިވުން ވަރުގަދަވެ، ފަސޭހަކަމާއެކު ރާއްޖެއައުމަށް ފަސިންޖަރުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.
އައިއޭއެސްއިން ބުނީ، މިރީތި ގައުމުގެ ގައުމީ އެއާލައިންގެ ގޮތުގައި މޯލްޑިވިއަން އޮވެ، ރާއްޖެއައި ދުނިޔެއާއި ގުޅުވާލަދެވުމަކީ އިންތިހާއަށް ފަޚުރުވެރިވާކަމެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ ފޯރާފަށް ފުޅާކޮށް، މޯލްޑިވިއަންގެ އެންމެ ރަނގަޅު މެހެމާންދާރީ ފޯރުކޮށްދިނުމުގައި ދެމި ތިބޭނެކަމަށެވެ. މިއީ، މޯލްޑިވިއަންގެ ޚިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އައިއޭއެސްއިން ފާހަގަކޮށްފައި ވެއެވެ.



