މިމަހުގެ 19 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފަށާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ ސިއީއޯ،މުހައްމަދު ވަޖީހް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ބަންކަރިންގ ޚިދުމަތް ފެށުމަށް ވަމުންދާ ތައްރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމްޕީއެލްެގެ ސީއީއޯ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގެ މެރިޓައިމް ދާއިރާއިން އިންގިލާބީ ބަދަލެއް ގެންނަން ،ރާއްޖޭގެ އެންމެ އުތުރާއި ދެކުނާއި އަދި މެދު ރާއްޖެތެރޭގައި މެރިޓައިމްގެ ހަރަކާތްތަކެއް ހިންގަވާނެކަން އިއުލާނުކުރެއްވި ކަމަށެވެ.
ރައީސް ގެ އެ ނިންމެވުން ތަންފީޒް ކުރެއްވުމަށްޓަކައި، އެމްޕީއެލްއިން މަސައްކަތްތަކެއް ރާވާފައި ހުރިކަން ފާހަގަކުރައްވައި ވަޖީހް ވިދާޅުވީ، އެންމެ ފުރަތަމަ ކުރި ކަމަކީ، މުޅި ދުނިޔެއަށް ފެންނާނެހެން އުތުރުގައި ގާއިމުކުރާ ބަންކަރިންގެ ޚިދުމަތާާއި، މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން އެކަމަށް ޚާއްސަ ވެބުސައިޓެއް ތައްޔާރު ކުރުން ކަމަށެވެ. އެގޮތުން، ums.mv / އުތުރު މެރިޓައިމް ސާވިސަސް ވެބްސައިޓް ގާއިމުކޮށް، އެއަށް އެންމެ ފަހުގެ މައުލޫމާތުތައް އަޕްލޯޑްކޮށްފައިވާކަމަށެވެ.
ވަޖީހް ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން، ކަސްޓަމަރުންނަށް ތެޔޮ ވިއްކާ ދެ ބޯޓް އެސްޓީއޯއިން މިހާރު ރާއްޖެ ގެނެސް ކުޅުދުއްފުށީގައި މިހާރު ބަނދަރުކޮށްފައިވާކަމަށެވެ. އަދި، ޚިދުމަތް ފެށުމުގެ ގޮތުން،އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް” ގޭޓު) ވެސް ގާއިމް ކޮށް، ޚިދުމަތް ދިނުމަށް ބޭނުންވާ އިދާރީ ކަންކަން ހަމަޖައްސައިއެތަނަށް ބޭނުންވާ މުވައްޒަފުން ނަގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ވަޖީހް ވިދާޅުވި އެވެ. ވަޖީހް ވިދާޅުވީ އެތާނގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އާއި އިމިގްރޭޝަނާއި، ކަސްޓަމްސްއާއި ޕޯޓްސް ހެލްތުގެ މުވައްޒަފުން ހަރަކާތްތެރިވާނެކަމަށެވެ.
ވަޖީހް ވިދާޅުވީ، މިހާރު 19 ވަނަ ދުވަހު ތެޔޮ އަޅާނެ ކަސްޓަމަރަކުވެސް މިހާރު ހަަމަޖެހިފައިވާކަމަށެވެ. އަދި،ޕްލޭންކުރެވިފައިވާ ގޮތަށް ތައްޔާރީތައް ނިމި މިހާރު މިމަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް އުތުރުގައި ބަންކަރިންގެ ޚިދުމަތް ފަށަން ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް ވަޖީހް ވިދާޅުވި އެވެ.
ވަޖީހް ވިދާޅުވީ، އެ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށް ފަހު އެމްޕީއެލްގެ ފަރާތުން އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއްވެސް ފޯރު ކޮށްދޭން ފަށާނެކަމަށެވެ. އެ ޚިދުމަތް ދިނުމަށް 24 ގަޑިއިރު ޖަވާބުދާރީވާނެ ކޯލްސެންޓަރެއް ގާއިމުކޮށްފައިވާކަމަށްވެސް ވަޖީހް ވިދާޅުވި އެވެ.
ކަސްޓަމަރަކު ބޭނުންވެއްޖެ ހިނދެއްގައި 24 ގަޑީއިރު ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޯޓުތަކަށްދޭ ޕައިލެޓް ޚިދުމަތާއި، ކްރޫ ޗޭންޖްކުރުމުގެ ޚިދުމަތާއި،އެއް ބޯޓުން އަނެއް ބޯޓަށް ޚިދުމަތް ހިއްސާކުރުމާއި، ބޯޓްތަކަށް ބޭނުންވާ ސާފު ފެން ފޯރުކޮށްދިނުމާއި،ބޯޓް ފަހަރަށް ބޭނުންވާ ކާބޯތަކެތި ސަޕްލައިކޮށްދިނުމާއި، އަޑީ ތެޔޮ ސަޕްލައިކޮށްދިނުމާއި، ޔޮޓްތަކަށް ޑޮކިންގ ޚިދުމަތް ދިނުމާއި، މެއިންޓެނަންސް ޚިދުމަތް ދިނުމާއި، މެރިން ސަވައިލެންސް ޚިދުމަތާއި،އަންޑަ ވޯޓަރ ސަވިސްއާއި ކުނި ނައްތާލުމުގެ ޚިދުމަތް ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ވަޖީހް ވިދާޅުވި އެވެ.




