ފޭރުމުގެ މައްސަލައެއްގައިި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) ގެ މައްޗަށެވެ.
މި ތިން މީހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށް ތަހްގީގު ހިންގީ، 2024 ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، މި ތިން މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުކަމަށް ފުލުހުން މިއަދު ބުންޏެވެ.



