ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފް އެމަގާމަށް އައްޔަނުކުރަން ފެންނަކަމަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީކަމުގެ މަގާމުގައި ހުންނެވި އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޚާއްސަަ ޖަލްސާގައި، ރައީސް މުއިއްޒު ހުށަހެޅުއްވި އައްބާސްގެ ނަންފުޅު ދިރާސާ ކޮށް ގޮތެއް ނިންމުމަށް، އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އެވެ.
ޖުޑީޝަރީން އެ މަައްސަލަ ދިރާސާކުރުމަށްފަހު ގޮތެއް ނިންމުމަށް، އައްބާސްއާ މިއަދު އިންޓަވިއުކޮށްފައިވާއިރު،އިންޓަވިއު އިން އައްބާސް އަށް 93.91 ޕަސެންޓް މާކްސް ލިބުނެވެ. އަދި، އައްބާސްއާ ގުޅޭގޮތުން ޝަކުވާއެއް އޮތްތޯ ބަލަން މިއަދުގެ މެންދުރު 12:00ގެ ނިޔަލަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައެއް ނުވެއެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އައްބާސް އަށް ރުހުން ދޭން ފެންނަކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
މާދަމާ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާ އޮންނާނެއެވެ. ބެލެވޭގޮތުގައި، ޖުޑީޝަރީ ކޮމިޓީން ނަން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމުގައި އިއްވައި، މާދަމާ މަޖިލީހުގެ ރުހުން ހޯދުމަށް ވޯޓަށް އަހާނެއެވެ. ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަމުން ގެންދަނީވެސް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕީޖީއަކު އައްޔަންކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމުގެ ބޭނުމުގަ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމަށް އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމަގާމު ހުސްވުމުންނެވެ.
ޕީޖީގެ ގާނޫނުގައިވާގޮތުންނަމަ މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެއެވެ.



