ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
މި ދެމީހުންގެ މައްޗަށް ދައުވާކުރަނީ، މިއަހަރުގެ ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
މައްސަލައިގެ ތަހުގީގު ނިންމައި،ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
މި ދެމީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



