ހުޅުމާލޭ ފޭސް-1 އަދި ފޭސް-2 ގެ މަގުތަކުގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި މުދަލާއި އެހެނިހެން ތަކެތި ނެގުމަށް ހައުންސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މުހުލަތެއް ދީފި އެވެ.
އެޗްޑީސީން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، ފޭސް-1 އާއި ފޭސް-2 ގެ ހުރިހައި މަގުތަކެއްގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި މުދަލާއި އެހެނިހެން ތަކެތި ނެގުމަށް ނިންމާފައިވާކަމަށެވެ. އަދި އެފަދައިން ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ތަކެތި ނެގުމަށް އަންގާފައި ވެއެވެ.
އެޗްޑީސީން ބުނީ، ތަކެތި ނަގަން ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ، ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރާނެކަމަށާއި، އެ މަސައްކަތް ކުރިޔަށްދާ ވަގުތު މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެކުންފުނިން ޒިންމާ ނުނަގާނެކަމަށެވެ.
އެޗްޑީސީން ބުނީ، އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހު ކަމަށެވެ.
އެޗްޑީސީން ވަނީ މިދިޔަ މަހުގެ 31 ވަަނަ ދުވަހު ހުޅުމާލޭގެ އިންޑްސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ދުވާރު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނަގަައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ. މި މަސައްކަތްވެސް ކުރިޔަށްގެންދަނީ ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެންނެވެ.



