މ. ދިއްގަރުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ސްޕޯޓްސް މިނިސްޓްރީ އާއި، މުލަކު އަތޮޅު ދިއްގަރު ކައުންސިލާއި، އެ ރަށުގެ ޕޮލިސް ސްޓޭޝަނާއި ސްވިމިން އެސޯސިއޭޝަނުން ގުޅިގެން ދިއްގަރުގައި ކުރިޔަށް ގެންދިޔަ ”ފަތަމާ ހިނގާ“ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދިއްގަރުން އެކަނިވެސް 200 އަށްވުރެ ގިނަ ކުދިން ”ފަތަމާ ހިނގާ“ެ ޕްރޮގްރާމްގައި ބައިވެރިވެ ފަތަން ދަސްކުރުމަކީ އެކަހަލަ ޕްރޮގްރާމްތައް ކުރިއަށްގެންދަން ލިބުނު ހިތްވަރެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ދިއްގަރަށް ބޭނުންވަނީ ފަތާ ޓްރެކެއްކަމަށާއި، ސަބަބަކީ ފަތަން ދަސްކުރުމަށްފަހު ވާދަވެރި މާހަައުލެއްގައި ވާދަކުރަން ޓްރެކެއް އޮތުން މުހިންމުވެގެނެްދާނެތީ ކަމަށެވެ. އަދި، އެ ޕްރޮގްރާމުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފައި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެރަށުގައި ސްވިމިންގ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށްޓަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ.
”އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ“ މިނިސްޓަރު ވިދާޅުވި އެވެ.
”ފަތަމާ ހިނގާ“ ޕްރޮގްރާމްގެ ދަށުން ދިއްގަރުގެ ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނީ ”ފަތަމާ ހިނގާ“ ޕްރޮގްރާމްގެ އެމްބެސެޑަރ ނައުފަލް މޫސާ އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެވެ.


