މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ، މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ނިންމާފައިވާކަމަށެވެ. އަދި،ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެސް.ޓީއޯ އިން ބުނީ، އެންމެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައިވަނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ ”ވައި.ސީ ބެރިއާރ“ އަށް ކަމަށެވެ.
“ މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީ.“ އެސްޓީއޯއިން ބުންޏެވެ.
”ވައިސީ ބެރިޔާ“ އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރާ މި އުޅަނދަކީ 1،100 ކޮންޓެއިނަރ އުފުލެވޭވަރުގެ އުޅަނދެކެވެ.
އެސްޓީއޯއިން ބުނީ، ބަންކަރިންގ ގެ ޚިދުމަތަށް ހޯދުމަށް އިތުރު އުޅަނދުތަކުގެ ބުކިންވެސް މިހާރު ލިބެމުން އަންނަކަމަށެވެ. އަދި، އުންމީދަކީ މިއީ އިތުބާރު ހުރި ޚިދުމަތަކަށް ހެދުންކަމަށް އެސްޓީއޯއިން ބުންޏެވެ.
”މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަން އެސްޓީއޯއިން ފާހަގަކުރަން. އަދި މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބައޮތް.“ އެސްޓީއޯއިން ބުންޏެވެ.
އާންމު ގޮތެއްގައި މި ސަރަޙައްދުގައި ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުންނެވެ.
ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން، ކަސްޓަމަރުންނަށް ތެޔޮ ވިއްކާ ދެ ބޯޓް އެސްޓީއޯއިން ވަނީ މިހާރު ރާއްޖެ ގެނެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ.އެސްޓީއޯއިން މި ޚިދުމަތް ދެނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެސްޓީއޯއިން ވަނީ މި ޚިދުމަތް ފެށުމަށް އެކުންފުންޏާ އެކު 13 މާރިޗު 2024 ގައި އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.



