އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭހެން އަޑުގަދަވާ ގޮތަށް ސައިލެންސަރު، ބަދަލުކޮށްގެން ދުއްވާ އުޅަނދު އެއްމަސް ދުވަހުގެ މުއްދަތަށް ހިފަހައްޓަން ނިންމައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ސައިލެންސަރު ބަދަލުކޮށްގެން ނުވަތަ ބަދަލުގެނެސްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭހެން އަޑުގަދަވާ ގޮތަށް ދުއްވައިގެން ހިފަހައްޓާ އުޅަނދު 30 (ތިރީސް) ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު ސައިލެންސަރު ނައްތާލެވޭނެ ކަމަށެވެ.
އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވެސް ވަނީ ”މާލެ ފަހި“ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންވެސް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ޤާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް މިނިސްޓަރު އެދުވަހު ވިދާޅުވި އެވެ.
”ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް، ބާރަށް އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވުން ވެސް ހުއްޓުވާނެ.“.ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ”މާލެ ފަހި“ ޕްރޮގްރަމް ތަންފީޒްކުރުމަށް ޤާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ޚާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރި އާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ޚާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ޤަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ޤާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
މަގުމަތީގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.



