ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް“ މަޝްރޫޢުގެ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ދެގައުމުން ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ
.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން ދިނުމަށްވަނީ ނިންމަވާފަ އެވެ. އެއީ، ސަތޭކަ ސާޅީސް ހާސް އެމެރިކާ ޑޮލަރެވެ.
މި އެހީގެ ދަށުން މާލޭ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތާއި، މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާމާނު ޖަޕާނު ސަރުކާރުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މިމަޝްރޫޢަކީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެއްކަމުގައި ވިދާޅުވި އެވެ.
2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، މިނިސްޓަރ ޒަމީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްްޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވި އެވެ.މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.



