މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން، މި ފުރުސަތު ހުޅުވާލީ މިހާރު ހިނގަމުންދާާ ދައުރުގެ 10 މެންބަރުންގެ މުއްދަތު ޑިސެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ. އެއީ، މީޑިއާ ތަކުން ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 3 މެންބަރުންނެވެ.
އެ ވުޒާރާއިން ބުނީ،މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިމަހުގެ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށެވެ. ވުޒާރާއިންވަނީ، މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ”މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު“ ފުރިހަމަކުރުމަށްފަހު، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީގެ އީމެއިލް media@youth.gov.mv އަށް ހުށަހެޅުމަށް ވުޒާރާއިން އެދިފައި ވެއެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮނޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.




