ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އާރްޑީސީ) އިން ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ ދެ ވަނަ ފިޔަވަހީގެ ހުރިހައި މަސައްކަތްތަކެއް ނިންމާލާފައިވާކަމަށް، އެކުންފުނިން ބުނެފި އެވެ.
އާރްޑީސީން މިއަދު ބުނީ، މި މަޝްރޫޢުގެ ދަށުން 19 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައިވާކަމަށެވެ. އަދި، މިމަސައްކަތް ކުރިއަށް ގެންދިއައީ ކޮންޓްރެކްޓް އުސޫލުން ތިނަދޫ އިން 64 މީހަކު ވަޒީފާއަށް ނަގަައިގެންކަން އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.
އެކުންފުނިން ވަނީ މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް ނިންމުމަށްޓަކާ މަސައްކަތްކޮށްދެއްވި އެންމެހާ މުވައްޒަފުންނަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތްކުރެއްވި މުވައްޒަފުންނަށް، ކުންފުނީގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.
މި މަޝްރޫއުއަކީ ބިނާރާބެހޭ ވުޒާރާއިން އާރްޑީސީއާއި ހަވާލުކޮށްގެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދާާ މަޝްރޫއެކެކެވެ. އާރްޑީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މިއީ، 78.8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.




