ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ތަމްރީން ޕްރޮގްރާމް 12 ފަރާތަކުން ފުރިހަމަކޮށްފި އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، 26 ޖޫން އިން 29 އޯގަސްޓްގެ ނިޔަލަށް ހިންގި ’ޖޮބް-ރެޑިނަސް ޕްރޮގްރާމް‘ ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 12 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. އެލިޔުން ހަވާލުކޮށްދެއްވީ ވަޒީރު ޑރ. އާއިޝަތު ޝިހާމް އެވެ. ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވުޒާރާއާއި، ކެއާ ސޮސައިޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެގައި ހުންނަ ކެއަރ ސޮސައިޓީގެ އިމާރާތުގައެވެ. ހަފްތާއަކު 4 ދުވަހުގައި، ދުވާލަކު 2 ގަޑިއިރާއި 45 މިނިޓަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި މައިގަނޑު 5 ދާއިރާއަކުން ބައިވެރިން ތަމްރީނު ފުރިހަމަ ކުރިއެވެ.
ތަމްރީން ކުރި ދާއިރާތައް:
- އިންޑިޕެންޑެންޓް ލައިފް ސްކިލްސް
- ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ
- އިންފޯރމަލް އެޑިއުކޭޝަން
- ލައިފް ސްކިލްސް
- ޖޮބް-ރެޑިނަސް ސްކިލްސް
މީގެ ތެރޭގައި ސީވީ ތައްޔާރުކުރާނެ ގޮތާއި، ފޯނާއި އީމެއިލްއިން މުޢާމަލާތު ކުރާނެގޮތާއި، އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތުގެ އިތުރުން މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެ ގޮތާއި، ޢާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދިންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ، މި ތަމްރީން ނިންމި ފަރާތްތަކަށް، ކެއަރ ސޮސައިޓީއިން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައި، ވަޒީފާގެ ފުރުޞަތު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާނެއެވެ. އަދި،މި ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގާނެކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
”ޖޮބް-ރެޑިނަސް“ ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަން ވުޒާރާއިން ފާހަގަ ކޮށްފައި ވެއެވެ.




