ރާއްޖެއަށް ބޭނުންވާ މުހިންމުދާއިރާތަކުން، މަސައްކަތުގެ މާހައުލަށް މީހުން ބިނާކުރުމުގެ ގޮތުން މުޅިރާއްޖެއަށް ހުޅުވާލައިގެން މި މަހު ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް،ނޭޝަނަލް ކެރިއަރ ސަރވިސް(އެންސީއެސް) އިން ބުނެފި އެވެ.
ކުރީގެ ޖޮބްސެންޓަރުން ކުރަމުން އައި މަސައްކަތަކީ ވަޒީފާ ދޭ ފަރާތުން ހުރި ފުރުސަތުތައް ވަޒީފާ ހޯދާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދީ ގުޅުވާދިނުމުގެ މަސައްކަތެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ މި ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ޖޮބްސެންޓަރގެ ނަން ނޭޝަނަލް ކެރިއަރ ސަރވިސް އަށް ބަދަލު ކުރައްވާ، މީހުން ބިނާކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފުޅާކޮށްފަ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ނޭޝަނަލް ކެރިއަރ ސަރވިސް އިން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ބާރު ސްޕީޑް ގައި މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށާ، މި މަހުގެ ފަހުކޮޅުގައި މި މަސައްކަތް ފެށޭނެކަމަށެވެ. އެގޮތުން މިމަހުގެ ފަހުކޮޅާއި އަންނަމަހުގެ ކުރީކޮޅުން ފެށިގެން އަތޮޅުތަކަށާއި އަދި މާލޭގަ ކެރިއަރ ގައިޑެންސް ވަރަށް ބާރު ސްޕީޑް ގައި ފެށުމަށް މިހާރުވަނީ ޕްލޭންތަކެއް ހެދިފައި ވާކަމަށް ޑރ. ނަޒީރް ވިދާޅުވިއެވެ.
ޑރ. ނަޒީރު އިތުރަށް ވިދާޅުވީ، އަހަރަކު ދެފަހަރު ކެރިއަރ އެކްސްޕޯއެއް ބޭއްވުމަށްވެސް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އެކްސްޕޯތަކުގެ ތެރެއިން ކައުންސެލިންނާއި މަތީތައުލީމްގައި ހުރި ފުރުސަތުތަށް ދަރިވަރުންނަށް ފޯރުކޮށް ދިނުމުގެ އިތުރުން، ރާއްޖޭގައި ހުރި ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓްތަކުން މަތީ ތައުލީމްގެ ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.



