ހުޅުމާލެއިން އެއްހާހަށްވުރެ ގިނަ ޕޮކެޓް ޕާކިންގް ސްލޮޓް ކުއްޔަށް ދޫކުރަން ހައުންސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ނިންމައިިފި އެވެ.
އެޗްޑީސީން ބުނީ،ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ނިންމައި، އެ ސްލޮޓްތަކަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، ހުޅުމާލޭގައި ގާއިމްކޮށްފައިވާ 08 ޒޯނަކުން 1،374 ޕާކިން ޖާގަތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން ނިންމާފއިވާކަމަށް އެޗްޑީސީން ބުންޏެވެ.އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.
އެޗްޑީސީން ބުނީ،18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް ޕާކިން ޖާގަތަކަށް ކުއްޔަށް ހިފުމަށް އެދި ކުރިމަތިލެވިދާނެކަމަށެވެ. އަދި ޕާކިން ޖާގަ ދޫކުރާނީ އެފަރާތެއްގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަ ފަރަތާކަށްކަމަށާއި، ޕާކިން ޖާގަ ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންވާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދެނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭ ތަރުތީބު:
- ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
- ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
- މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން
ޕާކިން ޖާގަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށްް އަންނަމަހުގެ އެއްވަނަދުވަހުގެ ކުރިން، އެކަމަށް އެދި ހުށަހެޅޭނެއެވެ. އެޗްޑީސީން ބުނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނެކަމަށެވެ. އަދި،ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު، ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.އަދި،ހުޅުމާލެއިން ދޫކުރާ މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.



