ސިއްހީ ޚިދުމަތްތަކާއި ގުޅިގެން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ގާއިމުކޮށްފި އެވެ.
”މާހަރާ“ ގެ ނަމުގައި ގާއިމުކުރި މި ޕޯޓަލް އިފްތިތާހު ކުރީ،މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް އިއްޔެެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ”މާހަރާ“ ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް އެވެ.
ހެލްތު މިނިސްޓްރީން ބުނީ،މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރެވޭނެކަމަށެވެ. އަދި އެ ހުށަހަޅާ ކަންބޮޑުވުންތަކުގެ އެހީގައި ކަންކަން ރަނގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއްކަމަށް މިނިސްޓްރީން ބުންޏެވެ.އަދި، މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދިޔަ ފުުރުސަތެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ،ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކުގައިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ.
މިދުވަހުގެ މި އަހަރުގެ ޝިޢާރަކީ ’ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން‘ އެވެ. މީގެ އިތުރުން، މި ޝިޢާރުގެ ސްލޯގަން އަކީ ’ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން‘ މިއެވެ.



