ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް(އެލް.އެން.ޖީ) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ހުށަހަޅައިފި އެވެ.
އެ ކުންފުނިން މި ކަން ހުށަހެޅީ، އިއްޔެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއެއކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ހިމެނޭކަމަށެވެ. އެެހެންނަމަވެސް، އެ ޕްރޮޕޯސަލްގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީން ބުނީ، މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން، ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި އެ ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.



